January 23, 2010 by Mohamed
ފަތިހެއްގެ ހަނދާން
ރޭ ފޭބި ދުންފިނީގެ ސަބަބުން ވިނަގަސްތަކުގެ ފަތްތަކުގެ މަތީގައި އުފެދުނު ޝަބްނަމްގެ ތިކިތައް ހެނދުނުގެ އަލީގައި ވިދަމުން ދިޔައެވެ. ކައިރިން ބަލައިލުމުން ކޮންމެ ތިއްކެއްގެ ތެރޭގައި ވިއްސާރަ ދުނީގެ ކުލަތައް ހުއްޓައި ފެނެއެވެ. ވަލުތެރޭގައި ހަދާފައިވާ ހަނިހަނި މަގުން ހިނގަމުން ދިޔައިރު ފަޓުލޫނުގެ ފައިކުރި މަޑުމަޑުން ތެމެމުން ހަށިގަނޑަށް އަރާމު ދެމުން ދިޔައެވެ. ދުރު ދުރުން ގޮވަމުން ދިޔަ ކާޅުގެ ބައިގަނޑުތަކުގެ އަޑާއި، ރާޅުގެ އަޑު އެކުވުމުން އަޑުއަހަން ކަމުދާފަދަ މިޔުޒިކެއް ފަޒާގައި އުފެދިފައިވިއެވެ. ގޮބު ގަހެއްގެ ކުރީގައި އިނދެގެން ގޮވަމުން ދިޔަ ކޮވެއްޔެއްވެސް ކާޅުތަކާއި ވާދަކުރުމަށް މަސައްކަތް ކުރަމުން ދިޔައެވެ.
ގޮނޑުދޮށައް ނިކުމެވުމާއިއެކު މޫނުގައި ބީހިލި ވައިރޯޅީގެ ސަބަބުން ނިދީގެ ހުރިހައި އަސަރެއް ކެނޑިގެން ހިނގައްޖެއެވެ. ވައިރޯޅީގެ ހަމަޔައް ހޭޅީގައި ހުރި މަގޫގަސްތަކާއި، ދިއްގާ ގަސްތަކުގެ ފަތްތައް ނަށަމުން ދާ ދިޔުން ޤަލަމަކުން ބަޔާންކުރަން ކުޅަދާނައެއް ނޫނެވެ. ގޮނޑުދޮށައް ޖެހުމަށްފަހު އެނބުރިދާ ރާޅުތައްވެސް އެތަން ފެނި ނަށަމުން ފުމެމުން އެނބުރި ދާކަހަލައެވެ. ގޮނޑުދޮށުގައި ހުރި ބޮޑެތި ގައުތަކުގެ މަތީގައި ދުވާ ހުލިކަކުނިތައްވެސް މި ވަޤުތުގެ އުފާ ޙާޞިލް ކުރުމަށް މަޑުމަޑުން ތިބި ކަހަލައެވެ.
ހެނދުނުގެ ފިނިކަން ކަނޑުވަމުން އިރު އެއިގެ ޝާއްބަ މޫނު ދައްކައިލުމައް ތައްޔާރުވަމުން ދިޔައެވެ. ރަތާއި، ރީނދުލާއި މަޑު އަޅިކުލައެއް އެކުވެގެން އިރުމަތީ ފަރާތު އުދަރެހުގައި އަޖާޢިބެއްފަދަ ތަސްވީރެއް ކުރަހައިފިއެވެ. ކަނޑުގެ ސަޠަޙައިގެ މަތީގައި ރަންކުލައިގެ ސާލެއް ދަމާލާފައި ވެއެވެ. ދުރުން ފެންނަން އެއޮތް ރަށުގެ މަލަމަތީގައި ހުރި ގަސްތަކުގެ ފެހިކުލަ މަޑުމަޑުން ފާޅުވާން ފަށައިފިމެއެވެ. ވަދުއަޅާން ނިކުތް ދޯނިފަހަރުގެ ހުދު ރިޔާތައްވެސް މިގަޑީގައި ފެންނަނީ މަޑު ރަތް ކުލައެއްގައެވެ.
މިފަދަ ފަތިހަކުން ހިތައް އުފަލެއް ނުލިބުނު މީހަކަށް އުފަލެއް ލިބޭނޭ އެހެން ގޮތެއް ހަމަ ޔަޤީނުންވެސް ނުވާނެއެވެ. މިފަދަ ފަތިހެއްގެ މަޑުމަޑު ފިނިކަމުން ހިތައް ފިނިކަމެއް ނުލިބުނު މީހަކަށް ދެން އެހެން ގޮތަކުން ފިނިކަމެއް ލިބުމަކީ ނާދިރު ކަމެކެވެ. ހަމަ ޔަޤީނުންވެސް އަޅުގަނޑުގެ ހިތް އުފަލުން ފުރިއްޖެއެވެ. މިއަދާއި ހަމައަށް ހިތައް ލިބުނު ހުރިހައި ވޭނެއް ހަނދާނުން ފުހެވިގެން ހިނގައްޖެއެވެ.
Like this:
Be the first to like this post.
Posted in Uncategorized | 1 Comment
Leave a Reply
It inspired me. I wish I could be there with you to witness this awesome sight